Mohamed's profileSmile and Let SmilePhotosBlogListsMore ![]() | Help |
Smile and Let SmileThoughts on this blog are private and may not be published or qouted in the formal media. |
|||||||||||||||||||||||||||||||||||||||||||||||||||||||||
|
June 30 Fikuree Hifehettumaai Bandhevun...!ފިކުރީ ހިފެހެއްޓުންތަކާއި ބަނދެވުން...އަދި ލިބަރަލް ޑިމޮކްރަސީ! ކޮންމެ އިންސާނަކަށް ވެސް އެންމެ އުފާވެރިކަން ލިބެނީ ތިމާގެ ހިތުގެ އުންމީދުތައް ހާސިލުކުރެވޭ ވަގުތެވެ. އެއީ އާދަޔާ ހިލާފު ހިތްހަމަޖެހުމަކާ އުފަލެއް ހާސިލުކުރެވޭނެ ވަގުތެކެވެ. މިވަގުތަކީ އިންތިޒާރުކޮށްގެން ހާސިލުކުރެވޭ ވަގުތެއް ނޫނެވެ. މިއީ ފުރިހަމަ ގަބޫލުކުރުމާއެކު ގަދައަޅާ މަސައްކަތްކޮށްގެން ހާސިލުކުރެވޭ ހާލަތެކެވެ. މިހާލަތު ދެމެހެއްޓުމަކީ އަދި އެއަށްވުރެ ބުރަ މަސައްކަތުން ވާސިލުވެވޭ ހާލަތެކެވެ.
ބައެއްފަހަރު، އެހާލަތަށް ވާސިލުވުން ފަސްކުރުން ނުވަތަ ދަންމާލުމަކީ މަޖުބޫރީ ހާލަތެއްގައި ކުރަންޖެހިދާނެ ކަމެކެވެ. އެ ގުރުބާނީ އަކީ ސަބަބުތަކާއެކު ކުރާ ޖިހާދެކެވެ. ކޮންމެ ޖިހާދަކީވެސް އަގީދާއަކަށް ނިސްބަތްވެގެން އުފެދޭ ހަރަކާތެކެވެ. އިންސާނީ އަގީދާތައް ކިތަންމެ ތަފާތުކަމުގައިވިޔަސް، މިހުރިހާ އަގީދާތަކެއް ބިނާވެފައި އޮންނަނީ އެހެން މީހުންގެ ރުހުން ހޯދުމަށް ކޮންމެ އިންސާނަކު މަސައްކަތްކުރަންޖެހޭ ފިކުރެއްގެ މައްޗަށެވެ. މިފިކުރީ ބަނދެވުމުގެ ސަބަބުން، އަގީދާއަކަށް ނިސްބަތްވާ ކޮންމެ އިންސާނަކީ ހިފެހެއްޓުންތަކެއްގެ ތެރޭގައި ކޮންޓްރޯލު ކުރެވިފައިވާ މީހެކެވެ. މިކޮންޓްރޯލުގެ ބާރު އެންމެގަދަވަނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިލާމެހިފައިތިބޭ ޖަމާއަތްތަކުގައެވެ. މިފަދަ ޖަމާއަތްތައް މިފެންނަނީ ދުނިޔޭގެ އިރުމަތީގެ ގައުމުތަކުންނެވެ. ހުޅަނގުގެ ޖަމާއަތްތަކުގައި ޖަމާއަތުގެ ތެރޭގައި މީހުން މިތިބެނީ "ވިއްސިވިހާލިވެފައި" ކަމުން، މިފަދަ ޖިހާދީ ފިކުރިއްޔަތާއި އޭގެ ނަތީޖާއެއްގެ ގޮތުން އަންނަ ހިފެހެއްޓުންތަކާއި ބަނދެވުންތައް ފެންނަލެއް ކުޑައެވެ.
ފިކުރީ ހިފެހެއްޓުންތަކާއި ބަނދެވުންތައް މަދު ޖަމާއަތްތަކުގައި އިންސާނުންގެ ފިކުރީ މިނިވަންކަން ފުޅާދާއިރާއެއްގައި އޮވެއެވެ. އެފަދަ ގައުމުތަކުގައި ލިބަރަލް ޑިމޮކްރަސީތަކަށް މަގުފަހިވެފައި އޮވެއެވެ. ފިކުރީ ހިފެހެއްޓުންތަކާއި ބަނދެވުންތައް ކަނޑައެޅިފައި ހުންނަ ޖަމާއަތްތަކުގައި ލިބަރަލް ޑިމޮކްރަސީއެއް އޮތުމަކީ މުސްތަހީލު ނުވަތަ ނުވާނެ ކަމެކެވެ. އެހެންވީއިރު، ދިވެހިރާއްޖޭގައި ލިބަރަލް ޑިމޮކްރަސީއެއް އޮތްކަމަށް މީހުން މިބުނަނީ ކީއްވެގެން ބާވައޭ އަޅުގަޑު ހިތަށް އަރައެވެ.
ދިވެހިރާއްޖެއަށް ލިބަރަލް ޑިމޮކްރަސީއެއް ބޭނުންވޭ ހެއްޔެވެ؟ June 28 Nuruhumaai Nafurath...!ނުރުހުމާއި ނަފުރަތު...! ނުރުހުމަކީ ވަރަށް ބާރުގަދަ ޖަޒުބާތެކެވެ. ދެމިގެންދާ ނުރުހުން ބަދަލުވަނީ ނަފުރަތަށެވެ. މީހަކާމެދު ނަފުރަތު އުފެދުމުން އިންސާނަކަށްވީތީ އޮންނަ ރަހުމު ކެނޑެއެވެ. އަދި އަމުދުން ގާތްމީހެއްނަމަ، އެނަފުރުގެ ޖަޒުބާތުން އެމީހާގެ ސިކުނޑީގައި އަނެކާއަށް ނިކަމެތިކަމާއި ދެރަކަން ލިބުމަށް އެދުންވެރިވުމުގެ ޝުއޫރުތައް އުފެދެން ފަށައެވެ. ފަހުން އައިސް އެ ޖަޒުބާތު ބަދަލުވެގެންދަނީ އެންމެ މަތީދަރަޖައިގެ ހިތްދަތިގޮތްތައް އެމީހަކަށް މެދުވެރިކުރުވުމުގެ އެދުމަށެވެ.
ނުރުހުން އުފެދިގެން އަންނަނީ ދެމިގެންދާ ހިތްހަމަނުޖެހުމުގެ ތެރެއިންނެވެ. އެއީ އިންސާނީ ތަބީއަތެވެ. ހަމައެފަދައިން އެއްއިންސާނަކު އަނެއް އިންސާނަކާ މެދު ނުރުހުން އުފެދެން ދިމާވަނީ، ގަސްތުގައިިވިޔަސް ނުވަތަ ގަސްތަކާ ނުލާ ވިޔަސް އެމީހާގެ ހިތުގައި ޖެއްސުމުންނެވެ. ނުވަތަ ޖެއްސިގެންނެވެ.
އެހެންކަމުން، އަޅުގަޑުމެންގެ ދިރިއުޅުމުގައި އަނެކުންގެ ހިތުގައި ނުޖެއްސަުމަށް ވިސްނުން ބެހެއްޓުމަކީ ފާގަތިކުރިމަގަކަށް އުންމީދުކުރާ ކޮންމެ މީހަކު ވިސްނަންވީ ކަމެކެވެ. އުފާވެރި ކުރިމަގަކަށް މަގުފަހިކުރުމަށްޓަކައެވެ. އިންސާނީ ނަސްލު އަމާންއޮމާންކަންމަތީ ދެމިގެންދިޔުން އޮތީ ނުރުހުމާއި ނަފުރަތުން އެއްކިބާވެގެންވާ މުޖުތަމިއު ތަކެއްގެ މައްޗަށް ކަމަށްވާތީއެވެ.
އަޅުގަޑުމެން ދިވެހިންނަކީ އުފާވެރި ކުރިމަގެއް ލިބިދާނެ ބައެކެވެ. އެއްބަހަކުން ވާހަކަދައްކާ، އެއްދީނެއްގެ، އެއްނަސްލެއްގެ ބަޔަކަށް ވީތީއެވެ. އެހެނަސް، ދެމިގެންދާގޮތަށް އަނެކާގެ ނުރުހުން ލިބޭގޮތަށް މީހުންގެ ހިތުގައި ޖެއްސުމަކީ އަޅުގަޑުމެންގެ ސަގާފަތުގެ ބައެއްކަމުގައިވީތީ، އެ އުފާވެރި ކުރިމަގު މިއޮތީ އަޅުގަޑުމެންނާ ވަރަށް ދުރުގައޭ ހިތަށް އަރައެވެ. June 27 Badhalaai Kaamiyaabee aai Biru...!ބަދަލާއި ކާމިޔާބާއި ބިރު...! ބަދަލަކީ އިންސާނުން ޖެހިލުންވެ ފަސްޖެހޭ އެއްޗެކެވެ. ކޮންމެ އިންސާނަކަށްވެސް އެންމެ ގޮތްނޭނގޭ އެއްޗަކީ ބަދަލެވެ. އެއީ ގޮތްނޭނގޭ ކަނޑަކަށް ފީނައިގަތުން ކަހަލަ ކަމެކެވެ. ބަދަލުގެ ނަތީޖާއަކީ ކޮބައިކަން ކިތަންމެ ވަރަކަށް ދިރާސާކުރިކަމުގައި ވިޔަސް، ބަދަލުގެ ނަތީޖާ އެގެނީ ބަދަލު ގެނައުމުންނެވެ. އަދި ބަދަލަކީ ބައެއްފަހަރު ވަރަށް ހިތިތަޖުރިބާއަކަށް ވެސް ވެދެއެވެ. އަނެއްބައި ފަހަރު ފޮނިކަމާއި މީރުކަމުގެ ރަހަ ލިބެއެވެ.
އެކަމަކު، ހަގީތަކީ ބަދަލު އެއީ އިންސާނީ ތަޖުރިބާގެ އެންމެ ޔަގީންކަމެވެ. އެއްބަޔަކު ބަދަލު އެމީހުންނާ ބައްދަލުކުރުމުގެ ކުރިން ބަދަލު ގެނެއެވެ. ކާމިޔާބު މީހުންނަކީ މި ރިސްކު ނަގާމީހުންނެވެ. އެމީހުންނަކީ ގޮތްނޭނގޭ ކުރިމަގު އަމިއްލަޔަށް ކަނޑައަޅާ މީހުންނެވެ. އަދި އެ ނިންމުމުގެ ނަތީޖާއާއި ކެރިގެން ކުރިމަތިލުމަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަދި ފިކުރީގޮތުން ތައްޔާރުވެގެން ތިބޭމީހުންނެވެ. އެމީހުންނަށް ބަދަލާއި ކުރިމަތިލުމުގެ ގާބިލުކަން ލިބެއެވެ. އަދި ކާމިޔާބު ހޯދުމުގެ ފުރުސަތު އިތުރުވެގެން ދެއެވެ.
އިންސާނާގެ ނާކާމިޔާބީގެ އެންމެ ބޮޑު އަސްލަކީ، އެމީހާ ގެ ބިރެވެ. މީހާގެ ބިރަކީ ކޮންމެހެން ހަގީގަތެއް ނޫނެވެ. އެއީ ކޮންމެހެން ދިމާވާނެ ކަމެއް ނޫނެވެ. ދިމާވެދާނެ ކަމަށް ހީކުރެވޭ ކަމެކެވެ. އެހެންކަމަށްވުމުން، ކާމިޔާބު މީހުންނަކީ ބިރުގެ އިހްސާސް އާއި ކުރިމަތިލާން ކެރޭ މީހުންނެވެ. އެމީހުން ބިރާއި ކުރިމަތިލާ ބިރު ފަަތަހަކުރެއެވެެ. އެހިސާބުން، ހާސިލުކުރަން ބޭނުންވާ ކަމަކަށް ހުރަހެއް ނޯވެއެވެ. ހަގީގަތުގައި ހުރަހަކީ ބިރު ކަމަށް ވާތީއެވެ.
ބަދަލުގެނެވޭނީ ބިރާއި ކުރިމަތިލުމުގެ ގާބިލުކަން ލިބިގެންވާ މީހުންނަށެވެ. June 26 Dhivehi Sifain Siyaasee Vejje...!ދިވެހިންގެ ސިފައިން ސިޔާސީ ވެއްޖެ...! ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުން، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެރަގަޅު ނިންމުންތައް ނިންމުމުގެ ގާބިލުކަން އޮތްކަމާމެދު އިތުބާރުނެތްކަމަށް ދޭހަވާގޮތަށް ދިވެހިސިފައިންގެ އެންމެ މަތީމަގާމުގައި ހުންނެވި ބްރިގޭޑިޔަރ ޖެނެރަލް މޫސާ އަލީ ޖަލީލު ވާހަކަފުޅު ދައްކަވައިފިއެވެ. ހަވީރު ނޫހާއި މިއަދު ނޫހުގައި ބުނެފައިވާގޮތުން، ޗީފް އޮފް ޑިފެންސް ފޯސަސް ގެ މަގާމަށް މީހަކު އައްޔަންކުރުމުގައި، ރައްޔިތުންގެ މަޖިލީހުން ވަކިގޮތަކަށް ނިންމައިފިނަމަ ދިވެހި ސިފައިންގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ހުޅަހަޅުއްވާފައިވާ ބިލަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު (ދެމީހެއް) އާއި ޑިފެންސް މިނިސްޓަރ އަމީން ފައިސަލް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ދެކޮޅު ހައްދަވާ ހެއްދެވުމަށް "ބައިއަތު" ހިއްޕެވުމުގެ ގޮތުން ދެއްވަންޖެހިވަޑައިގެންނެވި ބަޔާނެއްކަމަށް ވެދާނެއެވެ.
އަޅުގަޑަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ގާބިލުކަމާމެދު ސުވާލުކުރާ މީހެކެވެ. އެހެންނަމަވެސް، އަޅުގަޑަކީ އާންމު ރައްޔިތެކެވެ. ސިފައިންގެ ހުވާކޮށްގެން ތިބޭ އިސްއޮފިސަރުން ޕަބްލިކް ޑޮމެއިންގައި (ފިނިމައިޒާންތަކުގައި) މަޖިލީހުގެ ކަރާމަތަށް ގެއްލުންވާގޮތަށް ވާހަކަދައްކާ ހިސާބަށް ދިޔުމުން، ސިޔާސީ ނުފޫޒު ކަންކަމުގެ ތެރޭގައި ހުރި މިންވަރު ވަރަށް ފުންކޮށް ފެނިގެން ހިނގައްޖެކަމުގައި ދުށުމުގެ ޖާގަ އެބައޮތްކަމުގައި އަޅުގަޑު ހިތަށް އަރައެވެ.
ދިވެހި ސިފައިންނަކީ އިހުގައި މައުމޫނުގެ ވެރިކަން ދަމަހައްޓަން (ގާނޫނީގޮތުން) ޖެހިފައިތިބި ބަޔަކަށް ވިޔަސް، އޮގަސްޓް 2007 ގެ ފަހުން މިހާރު ގައުމުމިވަނީ، ގާނޫނީ އާހަޔާތަކަށް ނޭވާލާން ފަށާފައެވެ. ގައުމުގެ ވެރިޔަކަށް އަންނަމީހެއްގެ ޚުދުމުޚުތާރު ސިފަތައް ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިން މިވަނީ ކަނޑުވާލާފައެވެ. ހަމައެއާއިއެކު، ރައްޔިތުންގެ ރައުޔު ހޯދާބަލައިގެން، ދިވެހިރާއްޖޭގައި އޮންނާނީ މަޖިލީހުގައި ގިނަގޮނޑި ލިބޭ ޕާޓީއަކުން ވެރިކަން ހިންގާ އުސޫލު (ބަރުލަމާނީ ނިޒާމެއް) ނޫންކަމަށާއި ރައްޔިތުންގެ ސީދާވޯޓަކުން ހޮވާ ވެރިޔަކު ހުންނަ އުސޫލު (ރިޔާސީ ނިޒާމު) ކަމަށްވެސް ވަނީ ހަމަޖައްސާފައެވެ.
ވީއިރު، ދިވެހި ސިފައިންގެ އެންމެމަތީއޮފިސަރުން ތަންތަނަށް އަރާ، ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ ބަހުސެއްގެ ކޮޅެއްނަގާ "ހަނގުރާމަ އިއުލާނު ކުރުމުން" ކަންބޮޑުވެ ހައިރާން ވެއްޖެއެވެ. އަދި "ހަނގުރާމައިގެ ސަފުގައި ރުކުރުވިގެން ތިބީ" ސިޔާސީ މަގާމެއްގައި ހުރި ސިޔާސީ މީހެއްގެ ދެ އަރިމަތީގައި "ކިިޔަމަންތެރިކަމާއިއެކު ބަސްއަހައިގެން" ކަމުގައި ވުމުން ފުންކޮށް ވިސްނާލައިފިނަމަ ކަންބޮޑުވާންވެސް ޖެހެއެވެ.
މިހާދިސާއަކީ ޚުދުމުޚުތާރު ވެރިކަމެއް ހިނގަމުން އައި ޒަމާނެއްގައި ހިނގާދިޔަ ހާދިސާއެއްނަމަ، ސިފައިންގެ ހުވަޔާއި އެއްގޮތަށް އެބައިމީހުންގެ ވާޖިބު އަދާކުރީކަމުގައި ބެލެވިދާނެއެވެ. އެއީ އެމީހުންނަށް ގާނޫނީ ހަމަތަކުގެ މަތިން ލާޒިމުކުރިކަމެއް ކަމުގައި ދެކެވިދާނެއެވެ.
ކުރާނީ ކީއްތޯއެވެ؟ ވިސްނުމެއް ބަދަލެއް ނުވިއެވެ. ބަދަލުވީ ކަރުދާހުގައި އޮތް ލިޔުންގަޑެވެ.
June 25 Evves kameh rangalheh nuvaane eve!އެއްވެސް ކަމެއް ރަނގަޅެއް ނުވާނެއެވެ! (މިއީ 2007 ވަނައަހަރުގެ އެޕްރީލުމަހު އަޅުގަޑު ލިޔެފައިވާ ލިޔުމެކެވެ. ކިޔާލުމުން މިހާރަށް ވެސް ކަމުދާހެން ހީވާތީ ޕަބްލިޝް ކުރީއެވެ.)
ދިވެހިންގެ މިފަހުގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އުފާވެރިކުރިމަގަކަށް ދިވެހިން ކުރި އުއްމީދާއި ދުށް ފޮނި ހުވަފެންތަކެވެ. ވައުދުތަކާއި ހުވާތަކުގެ ނިވަލުގައި ތިބިމީހުން، އެމީހުން ވެފައިވާ ހުވަޔާއި އެއްގޮތަށް އަމަލުކޮށް ވައުދު ފުއްދައިދޭނެކަމަށް އެންމެންވެސް ތިބީ ބަލައިގެންނެވެ. ކެތްމަދުވެފައިވާ ދިވެހިން އެތައް ގޮތަކަށް، މިމާޔޫސްކަމާއި ކުރިމަތިލައިފިއެވެ. އެބަޔެއްގެ ވިސްނުމާއި ކެރިކުޅަދާނަކަން ހުރިގޮތަކަށެވެ. އެކަނި މީހުންގެ ގޮތުގައެވެ. ބައިބަޔަށެވެ. ރަށްރަށުގެ މީހުންގެ ގޮތުގައެވެ. ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައެވެ. ޖަމާއަތްޖަމާއަތުގެ ގޮތުގައެވެ.
ދިވެހިންނަށް އުފާވެރިކުރިމަގެއް ހޯދައިދިނުމުގެ މަގުޗާޓުގެ މަރުހަލާތައް ކާމިޔާބުކަމާއިއެކު ގިރާކޮށް، ނަތީޖާއަށް ވާސިލުވުމަށްޓަކައި ބޮޑެތި ބަދަލު ގެނެވިއްޖެވެސް މެއެވެ. ވަޒީރުންގެ މަޖިލީހުން ފެށިގެން، އޮފީސްތަކާއި ކުންފުނިތަކުގެ ވެރިން ބަދަލުކޮށް، އާމޫނުތަކާއި އާވިސްނުން ގެނެވިއްޖެއެވެ. އާތަޖުރިބާތަކުން ނަތީޖާއެއް ނުފެނުނެވެ. ރައްޔިތުންގެ ތެރެއިން ގިނަބަޔަކުތިބީ، އަތްފޯރާފަށުން ބޯހިޔާވަހިކަން ލިބޭނެގޮތެއް ނެތިފައެވެ. ދިރިއުޅެނީކީ ނޫނެވެ. ގަނަތެޅެނީއެވެ. ނިދަނީ ބަރިބަރިޔަށް މަތިމައްޗަށެވެ. ކުރިމަގު ގެ އުފާވެރިކަމުގެ އުއްމީދުގައި ވާންޖެހޭ ގުރުބާނީއަށް ކެތްނުކުރެވިގެން، ނަފްސާނީގޮތުން ބަލިކަށިވެފައިވާ އެތައްބަޔެކެވެ. އެއްބަޔަކު، ދުނިޔޭގެ މާޔޫސްކަން އެއްކިބާކޮށްލުމަށް އެކިޒާތްޒާތުގެ މަސްތުވުންތަކަށް އެބުރިއްޖެއެވެ. އަނެއްބަޔަކު އިންސާނީ ހުރިހާ ސިފަތަކެއް ދޫކޮށް، އިންސާނުންނަށް ނިސްބަތްނުކުރެވޭނެ ފަދަ އަމަލުތަކަށް އެބުރިއްޖެއެވެ. ތެދެއްހެއްޔެވެ!
ކުރިން ހީކުރެވިފައި އޮންނަ ގޮތާއި ޚިލާފަށް، ހިލޭއެހީދޭ ބައިނަލް އަގުވާމީ އެކި ޖަމާއަތްތަކާއި އ.ދ. އަކީވެސް ރައްޔިތުންގެ ރުހުމާއި މަގުބޫލުކަން އޮންނަގޮތަށް ކަންކަން ކުރެވޭ ބައެއްނޫންކަން އެގިއްޖެއެވެ. އަދި ކުރަން ވައުދުވެފައިވާ އެތައްކަމެއް ނުކުރެވި ދިގުލައިގެން ދަނީއެވެ. ރައްޔިތުންގެ ކެކުޅުންތައް އިމްތިހާނު ކުރަމުންނެވެ. އެމީހުން މޮޅު އެއްކަމެއް އޮވެއެވެ. ދިރާސާ ކުރުމާއި ރިޕޯޓުލިޔުމާއި ރިކޮމެންޑޭޝަން ހެދުމެވެ.
ފަހަރެއްގައި، މިހާރު މިގައުމަށް އެންމެ ބޭނުމީ، ކަންކަން ނުކުރެވިގެން މިއުޅޭ ސަބަބު ދިރާސާކޮށް، އެކަމާ ބެހޭ ރިޕޯޓެއް ލިޔެދޭނެ ބައިނަލް އަގުވާމީ މާހިރުންގެ ޓީމެއްކަމަށް ވެދާނެއެވެ. ދިރާސާނިމި ރިޕޯޓު ލިބުމުން، އޭގެ ރެކޮމެންޑޭޝަންތައް ބަލަން ތިބެމާ ހެއްޔެވެ! June 24 Keevvebaa? ... Kihineiybaa?ކީއްެވެބާ؟ ..... ކިހިނެތްބާ؟ އުފާފާގަތި މުސްތަގުބަލަކަށް ވާސިލުވެވޭނެގޮތް އަޅުގަޑުމެން ކޮންމެ މީހަކަށްވެސް ކޮންމެ ޖަމާއަތަކަށްވެސް، ހަމައެހެންމެ ކޮންމެ ގައުމަކަށްވެސް އެބައޮތެވެ. އެއީ މާތްﷲ އިންސާނުންނަށް ދެއްވި އެެންމެބޮޑު ނިއުމަތުގެ ބޭނުންހިފައިގެންނެވެ. އާދެ، އެއީ އިންސާނާގެ ބުއްދިއެވެ. ބުއްދިއަކީ މާތްﷲ ދުނިޔޭގައި ލެއްވި ނިއުމަތްތަކުގެ ތެެރެއިން ހުސްނުވާ އަދި ވަކިމިންވަރެއްނެތް ހަމައެކަނި ނިއުމަތެވެ. އިންސާނާގެ ބުއްދީގެ މިންވަރެއްނެތެވެ. ހުސްވުމެއް ނެތެވެ. މިނިއުމަތުގެ ބޭނުން ހިފައިގެން، އެމީހަކަށް ނުވަތަ އެބަޔަކު ހިމެނޭ ޖަމާއަތަށް ހޯދޭނެ ކުރިއެރުން ހުސްވުމެއް ނެތެވެ.
އަޅުގަޑުމެން މިއަދު ތަޖުރިބާކުރަމުން ތަހައްމަލު ކުރަމުން ގެންދަންޖެހިފައިވާ މައްސަލަތަކުގެ ހައްލަކީ މާތްﷲ އަޅުގަޑުމެންނަށް ދެއްވި ބުއްދީގެ ނިއުމަތް ބޭނުންކުރުމެވެ. ބުއްދިއަކީ ފުރިހަަމަ ނިއުމަތަކަށްވަނީ ހެޔޮގޮތުގައި ބޭނުންކުރުމުންނެވެ. ބުއްދި ހެޔޮގޮތުގައި ބޭނުންކުރާ މީހުންނަކީ ކީއްވެތޯ ސުވާލުކުރާ މީހުންނެއް ނޫނެވެ. ކިހިނެތްތޯ ސުވާލުކުރާ މީހުންނެވެ.
އަޅުގަޑުމެން ގިނަމީހުން ކަންކަމާ ވިސްނާ ފިކުރުކުރާއިރު (ބުއްދީގެ ބޭނުންހިފާއިރު) އާދަވެފައިތިބެނީ ކީއްވެތޯ ސުވާލުކުރާށެވެ. ސިކުނޑި ފަރުމާކުރެވިފައިވާ ގޮތުން، ކުރާ ކޮންމެ ސަުވާލެއްގެ ޖަވާބު ލިބެއެވެ. އެހެންކަމުން، ކަމެއް ގޯސްވީ ކީއްވެގެންތޯ ސުވާލުކުރުމުން އޭގެ ޖަވާބު ސިކުނޑިން ހޯދާދެއެވެ. އަދި މައްސަލަޔަކީ ކޮބައިތޯ އެހުމުން އޭގެ ޖަވާބުވެސް ދެއެވެ. މިގޮތަށް ބުއްދިބޭނުންކުރާ މީހުންގެ ކުރިމަގު ބިނާކުރުމަށް އޮންނަ ފުރުސަތު ކުޑައެވެ. އެއީ ކުރިޔަށް ފިކުރުހިންގުމަށްވުރެ ބުއްދީގެ ބޭނުންކުރެވެނީ ފަހަތްބަލާ މައްސަލަތައް ހޯދާ ތަހުގީގުކުރުމަށް ކަމުގައިވާތީއެވެ.
ކުރިމަގުގައި ކަންކަން ރަގަޅުކުރާނީ ކިހިނެތްތޯ ސުވާލުކުރުމުން، ތިމާގެ ބުއްދި ތިމާއަށް އެކަމަށް މަގުދައްކައިދެއެވެ. އެއީ ބުއްދީގެ ޖާދުލެވެ. ކިހިނެތްތޯ ސުވާލުކުރާ މީހުންނަކީ ފާގަތިކަމާއި ކުރިއެރުމުގެ އަހުލުވެރިންނެވެ. އެމީހުންގެ މުސްތަގުބަލު އުޖާލާވާނެއެވެ.
އަޅުގަޑުމެން ޅަދަރިންގެ މުސްތަގުބަލު އުޖާލާކޮށް އެކުދިންނަށް ރައްކާތެރިކަމާއި އަޅާލުމާއި އޯގާތެރިކަމާއިއެކު ޒިންމާދާރުބަޔަަކަށް ހަދަންބޭނުންނަމަ، އަޅުގަޑުމެން ކުރަންޖެހޭ ކަމަކީ، އެކަން ކުރާނީ ކިހިނެތްތޯ ސުވާލުކޮށް ބުއްދީގެ މިބައި ފުޅާކޮށް ތަރައްގީކުރުމެވެ. އެއިރުން ކަންކަން ރަގަޅުވާނެގޮތާއި މައްސަލަތަކުން ނިކުންނާނެގޮތް (ހައްލު) ހޯދޭނެއެވެ. ހައްލުނެރޭ ސިކުނޑިއަކީ ގިނަދުވަހު އެގޮތަށް ސިކުނޑި ހާނައިގެން އުފެއްދޭ އެއްޗެކެވެ.
އަޅުގަޑުމެން ކޮންމެމީހަކީ ކީއްވެތޯ އަށްވުރެ ބޮޑަށް ކިހިނެތްތޯ ސުވާލުކުރާ، މާތްﷲ ދެއްވި ބުއްދީގެ ނިއުމަތް ހެޔޮގޮތުގައި ބޭނުންކުރާ މީހަކަށް ވެއްޖެނަމަ، މިގައުމުގެ މުސްތަގުބަލު އުޖާލާވާނެއެވެ. އަޅުގަޑުމެން ކޮންމެ މީހަކީ ތިމާއަށާއި ތިމާގެ ވަށައިގެންތިބިމީހުންނަށާއި ގައުމަށް ފައިދާހުރި މީހަކަށް ވެވިދާނެއެވެ. Care Society ah Eheetheri Vedhevvaa...!ކެއަރ ސޮސައިޓީއަށް އެހީީތެރިވެ ދެއްވާ...! ކެއަަރ ސޮސައިޓީ އަކީ ދިވެހި ރާއްޖޭގައި ނުކުުޅެދޭޭ މީހުންނާއި ކުޑަކުދންނާއި އަންހެނުންގެ ހައްގުތަކަށް މަސައްކަަތްކުރާ، ނުކުޅޭދޭ މީހުންނާއި ކުދިންނަށް ޚިދުމަތްދޭ، އަދި ޖަމާއަތުގެ ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލިއްޔަތު އިތުރުކުރުމަށް މަސައްކަތް ކުރާތާ 10 އަހަރު ފުރިފައިވާ ދިވެހިޖަމްއިއްޔާއެކެވެ. މިޖަމްއިއްޔާާ ހިންގަމުން އައިސްފައިވަނީ ބައިނަލް އަގުވާމީ އެކިފރާތްތަކުތން ލިބޭ އެހީއާއި، ހެޔޮއެދޭ ފަރާތްތަކުން ލިބޭ އެހީއާއި، އަމިއްލަ ބައެއްކންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއި އެކުގައެވެ.
ކެއަރސޮސައިޓީއަށް އެހީ ހޯދުމަށް ބާއްވާ ފިލްމް ފެސްޓިވަލް އެއް 2009 ޖުލައި 1 ން 8 ށް އޮލިސްޕަސް ގައި އޮންނާއެވެ. މިފެސްޓިވަލްގެ ސުވެނިއަރ ޓިކެޓު ބައްލަވައިގަނެގެން ކެއަރސޮސައިޓީއަށް އެހީތެރިވެ ދެއްވިދާނެއެވެ. ސުވެނިއަރ ޓިކެޓެއްގެ އަގަކީ 500 ރުފިޔާ އެވެ.
މިވަގުތު ކެއަރ ސޮސައިޓީ ހިންގުމަށް ކުރިމަތިވެފައިވާ ފައިސާގެ ދަތިކަމަށް ހައްލެއް ހޯއްދަަވައި ދެއްވުމުގައި އެހީތެރިިވެ ދެއްވުމަކީ ނުކުޅެދޭ މީހުންނާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުގައި ކުރެވޭ ހޭދައެކެވެ. ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން މިފައިސާ ހޭދަކުރާނީ، މިކަންކަމަށް އަދި ޒިންމާދާރު ގޮތެއްގައި ކަމުގެ ޔަގީންކަން އަޅުގަޑު އަރުވަމެވެ.
ކެއަރސޮސައިޓީ އާއި ގުޅުއްވުމަށް. ފޯން: 3322297 / 3312491، ފެކްސް 3312871، އީމެއިލް: shidha@caresociety.org.mv (ޝިދާތާ ޝަރީފް - ޑިޕިއުޓީ ޑިރެކްޓަރ) Dhiriulhumakee ufalakah hadhaanee kihineiy!ދިރިއުޅުމަކީ އުފަލަކަށް ހަދާނީ ކިހިނެތް...! އަހަރެމެން ކޮންމެ މީހަކުވެސް ކާމިޔާބު މީހަކަށް ވާން ބޭނުމެވެ. އެހެންމީހުންގެ ރުހުމާއި ގަބޫލު ލިބިގެން އުފަލުގައި އުޅޭ މީހަކަށްވާން ބޭނުމެވެ. އެއީ އިންސާނީ ތަބީއަތެވެ. އެކަމަކު އެއީ އަގުދީގެން ލިބޭ ދިރިއުޅުމެކެވެ. ބައެއްފަހަރު އެގޮތުން ދޭންޖެހޭ އަގަކީ، ތިމާއަށް ތަހައްމަލު ނުކުރެވޭވަރުގެ އަގެކެވެ. އެއަގު ދައްކަަން ޖެހިލުންވާވަރުގެ އަގެކެވެ. ކުރިމަގު އެކަކަށްވެސް ނޭގޭތީއެވެ. އެއީ އިންސާނީ ތަޖުރިބާއިން ދަސްކޮށްދޭ ބޮޑުފިލާވަޅެވެ. ކާމިޔާބު މީހުންނަކީ ނިންމުންތައް ނިންމާ މީހުންނެވެ. ނިންމުންތައް ދަންމާ މީހުންނެއް ނޫނެވެ. ނިންމުންތައް ދަންމާ މީހުންނަށް ފުރުސަތުގެ ދޮރު ބަންދުވެއެވެ. ފުރުސަތު ގެއްލިދެއެވެ.
ތިމާގެ ދިރިއުޅުމުގެ ފެންވަރު ކަނޑައަޅަނީ ތިމާގެ ނިންމުންތަކުންނެވެ. ރަގަޅު ނިންމުން ނިންމޭނީ އެކަމަށް ފަރިތަވެގެންނެވެ. ކޮންމެ ނިންމުމެއްގެ ފަހަތުގައިވަނީ ކާމިޔާބީ އާއި ނާކާމިޔާބީއެވެ. އުފަލާއި ހިތްދަތިކަމެވެ. އެއީ ތިމާ ހިތްއެދޭފަދަ ނަތީޖާއެއް ލިއްބައިދޭނެ ނިންމުމެއްކަން އެނގެނީ ނިންމުން ނިންމާފަހުންނެވެ. އެއީ ހަގީގަތެވެ. ތިމާގެ ނިންމުމެއްގެ ފަހަތުގައިވަނީ ފޮނިކަމެއްކަން ނުވަތަ ހިތިކަމެއްކަން އެނގޭނީ ހަމައެނިންމުމެއް ނިންމައިގެންނެވެ. ގޮތެއް ކަނޑައަޅައިގެންނެވެ.
ތިމާގެ ނިންމުންތަކުގެ ފެންވަރު ކަނޑައަޅަނީ، ތިމާ ކުރާ ސުވާލުތަކުންނެވެ. ކޮންމެ ނިންމުމެއްގެ ކުރީގައި ސުވާލުކުރުމަކީ މުހިންމުކަމެކެވެ. ސުވާލުކުރާމީހާޔަށް އަވަސް ނިންމުންތައް ނިންމުމާއި ގޮތެއް ކަނޑައެޅުމަށް މަގުފަހިވެއެވެ. އެކަމަކު ތިމާކުރާ ސުވާލުގެ ގޮތުންނެވެ. ސުވާލުކުރަންވީ ކީއްވެހެއްޔެއް ނޫނެވެ. ސުވާލުކުރަންވީ ކިހިނެތްތޯއެވެ. ތިމާގެ ބޭނުން ހާސިލުކުރެވޭނީ ކިހިނަކުންތޯ އެވެ. އެގޮތުން ތިމާގެ މަންޒިލަށް (އުފާ ފާގަތި ދިރިއުޅުމަކަށް) ވާސިލުވެވޭނެގޮތް ކަނޑައެޅުމުގެ ފުރުސަތު ކޮންމެމީހަކަށް ވެސް އެބައޮތެވެ. އެއީ މާތްﷲ އިންސާނާއަށް ދެއްވި ނިއުމަތެެވެ.
އެނިއުމަތަށް ޝުކުރުވެރިވުމަކީ، ގިނަގިނައިން ސުވާލުކުރުމެވެ. ކިހިނެތްތޯ ސުވާލުކުރާށެވެ. ދެން ނިންމާށެވެ. ގޮތެއް ކަނޑައަޅާށެވެ. ދިރިއުޅުމުގެ ފެންވަރު މަތިކުރެވި އުފާފާގަތިކަން ލިބޭނެއެވެ. June 23 Madhanee Hagguthakah Masakkaiy Kurumuge Massalaމަދަނީ ހައްގު ތަކަށް މަސައްކަތް ކުރުމުގެ މައްސަލަ...! އަޅުގަޑު ރައްޓެހި ބަޔަކާއެކު މިއަދު ކޮފީއެއް ބޯން އިނީމެވެ. އެއީ މާލޭގައި ކަމުވޮށިގެންވާ މީހުން ކަމުގައި ބެލިދާނެ މީހުންނެވެ. ކުންފުނިތަކުގެ ޑިރެކްޓަރުންނާއި މެނޭޖަރުން ފެންވަރު ގެ މީހުންނެވެ. އޭގެތެރެއިން އެކަކު، މިދިޔަ ހޮނިހިރު ދުވަހު އޮތް "މުޒާހަރާ" ގައި އަޅުގަޑު ބައިވެރިތަން ދުށްކަމުގައި ބުންޏެވެ. ދެން އެހިސާބުން ވާހަކަ ފެށުނީއެވެ. އެމީހުންގެ ސުވާލަކީ ސަރުކާރުގެ ސަމާލުކަމަށް ކަމެއް ގެނައުމަށް ކަލޭމެން ރައީސުލްޖުމްހޫރިއްޔާާ ގޮވައިގެން މުޒާހަރާ ކުރީމާ އެކުރެވުނީ ކީއްހެއްޔެވެ؟ އަދި ބުންޏެވެ. ތިޔަ މުޒާހަރާއިން ހާސިލުކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ އަޅުގަޑުމެންގެ ހިނގާލުމުގެ މަގުސަދާއި ކުރަން ރާވަމުންދާ ކަންތައްތަކުގެ ވާހަކަ ދައްކަން އުޅުމުން އެކަމަށް ޖާގަނުދީ، އަޅުގަޑުމެން މަދަނީ ޖަމްއިއްޔާ ތަކުގެ ނަމުގައި ކުރމުން މިދާ ކަންތައްތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ކަންތައްތައްކަމާއި، މިއަށްވުރެ މާރަގަޅު ކަންތައްތައް ކުރަން އެބަހުރި ކަމުގައި ބުނެ އަޑުގަދަ ކުރަމުން ގެންދިޔައެވެ. އޭގެތެރޭގައި 8 އަހަރުގެ ކުއްޖާ މަރާލި މީހުންނާއި މިހާރު މާލެތެރެއިން ފުލުހުން މީހުން ނަގަމުންދާ މައްސަލައާއި މިފަދަ ކަންކަން އެމީހުން ފާހަގަކުރިއެވެ.
މިމީހުންނަކީ، ގައުމީ ކަންކަމުގައި (ސަރުކާރު ވައްޓާލަންް) ނިކުމެ ހަރަކާތްތެރި ނުވާތީ އެކަމާ ހިތްހަމަ ނުޖެހިގެންނާއި ވަކިމީހަކަށް ވިިކިގެން އޭނާގެ (މައުމޫނުގެ) ސަރުކާރު ދަމަހައްޓާން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް އަޅުގަޑާ ދިމާޔަށް އަޑުގަދަކޮށް ހެދިމީހުންނެވެ. އެމީހުންނަށް މއިަދުގެ ސަރުކާޜުވެސް ކަމަކު ނުދެއެވެ. އަދި ގައުމުގެ ޅަދަރިންގެ މުސްތަގުބަލަށްޓަކައި މަސައްކަތް ކުރުމަކީ ތާކުންތާކު ނުޖެހޭ ނަތީޖާއެއް ނުނިކުންނާނެ ބޭކާރު މަސައްކަތެވެ.
މިއީ މިގައުމުގެ ހާލަތެވެ. ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ހުރި ގޮންޖެހުންތަކާއި، އެކަމުގެ ހިތިކަން ހިތަށްވަދެ ފިކުރު ބޮޑުވިއެވެ. އެކަމަކު އަދިވެސް މިމސައްކަތުގައި ދެމިހުންނާނަމެވެ. ކޮންމެ ކަމަކީ އެހެންމީހުންނަށް މަލާމާތްކޮށް ހަޖޫޖަހަން ލިބޭ ފުރުސަތަކަށް ހަދަން ބޭނުންވާ މީހުން އެކަން ކުރާނެއެވެ. އެކަމެއް ނުހުއްޓުވޭނެއެވެ.
މިއީ ދިވެހިރާއްޖެއެވެ!
June 22 Meehakah dhimavaa dherakamakee...!މީހަކަށް ދިމާވާ ދެރަކަމަކީ އުފާކުރަންޖެހޭ ކަމެއްް...! މިރޭ އަޅުގަޑާއި އަޅުގަޑުގެ ދަރިފުޅު މާލެއިން އައިސް ފެރީން ވިލިގިއްޔަށް ފައިބައިގެން އައިމަގުމަތީ، އަޅުގަޑު ހުރީ ބޭންކްއޮފްމޯލްޑިވްސް ގެ އޭޓީއެމްއަށް ވަދެލުމަށް ވިސްނައިގެންނެވެ. ކަންދިމާވިގޮތުން، ރޭގަޑު 9 ވެސް ޖަހާފައިވުމާއިއެކު އަވަހަށް ގެއަށް ދިޔުމުގެ ބޭނުންއޮތުމުން، އަޅުގަޑު ހިނގާފައި ދިޔައީ ފުދޭވަރެއްގެ ބާރުމިނެއްގައެވެ. މިބާރު މިނުގައި ހިނގާފައި އައިސް އޭޓީއެމް ބަހައްޓާފައި ހުންނަތަނުގެ ދޮރަށް ބަލާލިއިރު ދޮރުހުރީ ހުޅުވާފައެވެ. އެހެންކަމުން، ހަމައެއައި ބާރުމިނުގައި އަޅުގަޑު ދިޔައީ ވަދެގެންނެވެ.
ނޫނެކެވެ. ގޮސް ދޮރުގައި ލައިގަތީއެވެ. ނިތްކުރިއާއި ކަނާތު ކަކުލުހުޅު ބަންލާފައި ޖެހުނީ މުޅިންސާފުކޮށް އެއްވެސް ކިލަނބުކަމެއްނެތް، ދޮރުގެ ބިއްލޫރިގަނޑުގައެވެ. އެވަގުތު ޝޮކެއްޖެހި ހިނދުކޮޅަކު ގަނޑުވެހުރުމަށްފަހު، ދެން ވިސްނާލުމުން އަޅުގަޑަށް އެނގުނީ، އޭޓީއެމް މެޝިން ހުރިތަނުގެ އެތެރެ އެހާސާފުކޮށް ފެންނަންހުރީ ދޮރުގެ ބިއްލޫރި ސާފުކޮށްފައި ހުރިލެއް ފުރިހަމަކަމުންކަމެވެ. އަދި މުޅިމޫނުމަތި އެކުގައި އެހާބާރަށް ބިއްލޫރިގަނޑުގައި ޖެހުނުއިރު އަޅުގަޑު ބޮޑުއަނިޔާއަކުން ސަލާމަތްވީ، ބިއްލޫރިގަނޑުގެ ބޯކަމާއި އޭގެ ވަރުގަދަ ކަމުންކަމެވެ. އެކަމަށްޓަކައި އަޅުގަޑު މާތްﷲގެ ކިބަފުޅަށް ހަމްދުކޮށް ޝުކުރުކުރީމެވެ.
މިފަޅިސިކުންތުކޮޅު ތެރޭގައި ދެންއަޅުގަޑުގެ ކަންފަތުގައި ޖެހުނީ، ފެރީންފައިބައިގެން އަޅުގަޑުމެންނާއި އެކުގައި އައިމީހުންގެ ތެރެއިން އެހިސާބާއި އެވަގުތު އަރާހަމަވީމީހުން ހަރުއަޑުން ހީގަތް އަޑެވެ. ދޮރުހުޅުވާލާފައި އެތެރެއަށްވަދެ، އިރުކޮޅަކު މަޑުކޮށްލާފައި ފައިސާނަގައިގެން ނިކުތްއިރު، އަޅުގަޑު ހިތަށްއެރިއެވެ. އެހެންމީހަކަށް ލިބޭ ނިކަމެތިކަމާއި ދެރަކަން އަޅުގަޑުމެންގެ އުފަލަކަށް މިވަނީ ކޮންގޮތަކުން ބާވައެވެ؟
މިއީ ދިވެހިރާއްޖެއެވެ! |
Top Three
Cool List
My links / related parties!
|
|||||||||||||||||||||||||||||||||||||||||||||||||||||||
|
|